ހިޔާގެ ހުރިހާ ޓަވަރެއްގައި ސާރވޭ އެއް ކުރިއަށް ގެންދަނީ

15 މާޗް 2022 - 6:00

ހިޔާގެ ހުރިހާ ޓަވަރެއްގައި ސާރވޭ އެއް ކުރިއަށް ގެންދިއުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ސާރވޭ ކުރިއަށް ދާނީ މި މަހުގެ 12 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 10 އިން ރޭގަނޑު 8 ޖަހަންދެން ކަމަށެވެ.

އެޗްޑީސީން ބުނީ މި ސާރވޭގެ މައިގަނޑު ބޭނުމަކީ އެ ކޯޕަރޭޝަނުން ދެމުންގެންދާ "ޖީޕޮން ނެޓްވޯކް" ހިދްމަތާއި ގުޅޭގޮތުން ހިޔާލު ހޯދުމާއި،ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ މިންވަރު އޮޅުންފިލުވުން ކަމަށެވެ. މީގެ އިތުރުން ހިޔާ ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދްމަތާ ގުޅޭ ގޮތުން ހިޔާލު ހޯދުމާއި،ހިޔާ ޓަވަރުތަކުގެ އާންމުތަންތަނާއި ހިދްމަތްތަކާއި އަދި އިމާރާތް މެނޭޖްކުރުމުގެ އެންމެހާ ކަންކަން،ހިޔާ ފްލެޓްތަކުގެ ވެރިން އިންތިހާބުކުރާ ވަކި ބޯޑެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި ގުޅޭ ގޮތުން ހިޔާލު ހޯދުން ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މި ސާރވޭ ކުރިއަށްދާއިރު ހިޔާ ފްލެޓްތަކުގެ ވެރިން ނޫނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ސަމާލުކަންދޭން ޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން މި ސާރވޭގައި ވަކިވަކި ފްލެޓްތަކަށް ޒިޔާރަތްކުރުމުގައި އެއްވެސް ފަރާތަކާއި ބައްދަލުނުވެއްޖެ ހާލަތެއްގައި، ފްލެޓުގެ ވެރިފަރާތަށް އެޕޮއިންޓްމަންޓެއް ހޯދުމަށް އެސްއެސްއެމްއެސްއެއް ފޮނުވޭނެ ކަމަށާއި، މި ކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. މި ސާރވޭގައި ހަރަކާތްތެރިވާ އެޗް.ޑީ.ސީގެ ހުރިހާ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަނުގެ މުވައްޒަފެއްކަން އެނގޭ ގޮތަށް ފާސްއަޅައިގެން ކަމަށާއި، މި ކަމަށް ހިޔާ ފްލެޓްތަކުގެ ދިރިއުޅޭ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އެޗްޑީސީން ބުނީ މި ސާރވޭގައި އެއްވެސް ފަރާތެއްގެ އާމްދަނީ،ބޭންކް އެކަންޓް ނަމްބަރު ނުވަތަ ކާޑުގެ ތަފްސީލެއް އެ ކޯޕަރޭޝަނުން ނުހޯދާނެ ކަމަށެވެ. އެހެންކަމުން ސާރވޭ ކުރިއަށްދާއިރު، ހިޔާ ފްލެޓްތަކުގެ ވެރިން އެ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.