ފަތުރުވެރިކަމުގެ ސިނާއަތުގެ %30 މުވައްޒަފުންނަށް ވެކްސިން ޖަހައިފި

6 މާޗް 2021 - 13:25

ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 8000 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑް ވެކްސިން ޖަހައިފިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން މި ސިނާއަތުގެ ފަރާތްތަކަށް ޙާއްސަ އިސްކަމެއްދީގެން ދަނީ ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ 8800 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ. މިއީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން %30 މީހުންނެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަކީ މުޅި ދުނިޔެއިންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންނަށް ވެކްސިންދޭންފެށި ފުރަތަމަ ޤައުމުކަމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓް މުވައްޒަފުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51،000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަށް މި ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.