ހާސިލްކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މާލެ ކައިރީގައި އޮތް ތިލަފުށިން އަރަމުން ދިޔަ ދުން އެރުން ހުއްޓާލެވުން:ޝައުނާ

7 މާޗް 2022 - 16:28

ޒަމާންތަކަކަށްފަހު ހާސިލްކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މާލެ ކައިރީގައި އޮތް ތިލަފުށިން އަރަމުން ދިޔަ ދުން އެރުން ހުއްޓާލުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ޒަމާންތަކެއް ކުރިން ތިލަފުށިން އަރަމުން ދިޔަ ދުމުގެ ސަބަބުން ހަމައެކަނި އަސަރުކުރީ މާލެ ރައްޔިތުންގެ ދިރިއުޅުމަށް ނޫން ކަމަށާއި،އޭގެ ސަބަބުން މާލޭ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސިއްހަތައްވެސް ނޭދެވޭ އެތައް އަސަރުތަކެއް ކުރި ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދުގައި މަސްވެރިކަން ކުރާ މަސްވެރިކަމުގެ ނިޒާމުތަކައްވެސް އެކަމުގެ އަސަރު ކުރި ކަމަށެވެ. އެހެންކަމުން ތިލަފުށިން އަރަމުން ދިޔަ ދުން ނައްތާލުމަށް ކުރެވުނު މަސައްކަތް އެއީ ވަރަށް ކާމިޔާބު އަދި ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތެއްގެ ގޮތުގައި މިނިސްޓަރ ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ  މިހާރު ތިލަފުށީގައި ސޮއިލް ޓެސްޓްތައް ކުރަމުން އަންނަ ކަމަށާއި،އަދި ކަންބޮޑުވާ މިންވަރަށް އެތަނުގައި ހެވީ މެޓަލްސްވެސް އެބަހުރި ކަމަށާއި، އެކަމަށްވެސް ހައްލުތަކެއް ހޯދަމުން އަންނަ ކަމަށެވެ. ސަރުކާރުން ކުނި ނައްތާލުމުގައި ބޭނުންކުރަމުން މި އަންނަ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ  އެކަމަނާ ދެކިވަޑައިގަންނަވާ ގޮތުގައި ހާސިލްކުރެވުނު އެންމެ މުހިއްމު ބޮޑު އެއް ކަމަކީ މި ތިލަފުށީގެ ނިޒާމް ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މިހާރު ކުރެވެމުން އަންނަ މަސައްކަތް ކަމަށެވެ.

1992 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އުފެދުނު ކުނި އަންނަނީ ތިލަފުއްޓަށް ކަމަށެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ކުނި، ބަދިގެ ކުނި، ޕްލާސްޓިކް ކުނި، ފައިބަރ ކުނި އަންނަނީ ތިލަފުއްޓަށް ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން މި ކުނި ގޮނޑު އެއްފަރާތަކަށް ޖައްސާލާފައި ކުނި ނައްތާލެވޭނެ ޒަމާނީ ނިޒާމެއް ގާއިމްކުރެވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވޭސްޓް ރިސީވިން އޭރިއާ އާއި ، އަދި އެއާއި އެކީގައި ކުނިގެނެސް ކުނި ކިރާނެ ނިޒާމެއް ގާއިމް ކޮށް ކުނި ސޯރޓް ކުރާނެ ނިޒާމެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނި ކުދި ކޮށްގެން ބަންޑެލި ކުރެވޭނެ ނިޒާމެއްވެސް ގާއިމްކޮށް، އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ގެނެވުނު ބަދަލުގެ ހެޔޮ އަސަރު ދިވެހިރާއްޖޭގެ ތަރައްގީއަށާއި، މުޅި ދިވެހިރައްޔިތުންނަށް ކުރާނެ ކަމަށާއި، މުޅި ރާއްޖެއަށް އައި އެންމެ ބޮޑު އެއް ބަދަލަކީ މިއީ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.މިއީ ނިޒާމެއް ގާއިމްކުރުމުގެ ފެށުން ކަމަށާއި، މި ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމަށް އެޅުނު ފިޔަވަޅު އެއީ އެންމެ މުހިއްމު އަދި އެންމެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވާ ކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.