“ޒަކާތު ނަފާ” ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަނީ

2 މާޗް 2022 - 9:03

ދިވެހިރައްޔިތުންގެ ތެރެއިން ފަގީރުހާލުގައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި"ޒަކާތު ނަފާ" ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެހީތެރިވެވޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ ބުނެފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބުނީ  ހިލޭ އެހީގެ މި ޕްރޮގްރާމްއަކީ ޒަކާތު ފަންޑުން ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގު ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި،އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއްފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖްތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިގްތިސާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރެވިގެންދާނެއެވެ. އަދި ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުސަތު ފޯރުކޮށްދެވޭ ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލްކުރުން، އެއީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

މި ޕްރޮގްރާމް އަމާޒުކުރެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. މި ޕްރޮގްރާމްއަކީ 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.