ސައުދި އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދިން ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

26 ޖެނުއަރީ 2022 - 9:44

ސައުދި އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދިން ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ދެ ގައުމަށް މި މަހުގެ 23 އަދި 24 ވަނަ ދުވަހު ދީފައިވާ މި ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގައުމުގެ އިގްތިސާދާއި ގުޅިފައިވާ ސަރަހައްދުތަކަށާއި، އަދި އާއްމު ރައްޔިތުންނަށް އަމާޒުކޮށް މި ފަދަ ގިނަ ހަމަލާތަކެއް އައުމަކީ އެ ސަރަހައްދު ސަލާމަތީ ގޮތުން އޮތް ނުރައްކާތެރިކަން ހާމަވާ އަދި މުޅި ދުނިޔެ އަށް ވެސް  ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

https://twitter.com/MoFAmv/status/1485608847087923202

މި ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގެ ސުލްހައަށް ދުނިޔޭގެ ގައުމުތަކުގެ އިތުރުން މި ކަމާއި ކަންބޮޑުވެގެން މަސައްކަތް ކުރަމުން އަންނަ އެހެނިހެން ފަރާތްތަކުން،  ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއިން އޮތީ ސައުދީ އަރަބިއްޔާ އަދި ޔޫ.އޭ.އީ އެކީގައި ކަމަށާއި، އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.