ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ، އައްޑޫ ސިޓީ މަރަދޫގައި އަޅައިފި

22 ޖެނުއަރީ 2022 - 9:54

ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ، އައްޑޫ ސިޓީ މަރަދޫގައި އަޅައިފިއެވެ. މަރަދޫ ޕާރކް ސަރަހައްދުގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.

 ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވުމުގެ ގޮތުން މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ، އިއްޔެ މި ބިންގާ އެޅުނު ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްގީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި  ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ އިތުރުން އައްޑޫސިޓީގެ ކައުންސިލް މެމްބަރުންނާއި، މަރަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަރަދޫގެ ރައްޔިތުންގެ އިތުރުން އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. 3 ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އެޅިގެންދާނެއެވެ.