މޯލްޑިވްސް ހައިޑްރޯގްރެފިކް ސަރވިސްގެ ނަމުގައި އިދާރާއެއް ރައީސް އުފައްދަވައިފި

20 ޖެނުއަރީ 2022 - 9:23

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، "މޯލްޑިވްސް ހައިޑްރޯގްރެފިކް ސަރވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.

ގާނޫނުއަސާސީގެ116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްއަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ތެރޭގައި  ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށް ބެލެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުންވެސް މި އިދާރާއިން ކުރަން ހަމަޖައްސާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.