2022 ބަޖެޓުގައި ރަށްތަކުގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނަނީ
3 މާޗް 2021 - 10:57
2022ވަނަ އަހަރުގެ ބަޖެޓުގައި ރަށްތަކުގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ، އަންނަ އަހަރު އަތޮޅުތެރޭ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
ރޭ އެމްޑީޕީން ބޭއްވި ރަށްވެހިފަތިސް ރ. އަތޮޅު ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކޮށްފަ އެވެ.
"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ބަޖެޓުން 1.5 ބިލިއަން ރުފިޔާ ރިފްލެކްޓްވެގެން ދާނެ. ސަރުކާރުގެ މި ޕްރޮގްރާމްގެ ވިސްނުމަކީ، އަތޮޅު ތެރޭ ހައުސިން ޔުނިޓްތައް އެޅުން،" އަސްލަމް ވިދާޅުވި އެވެ.
ހައުސިން ޔުނިޓްގެ ގޮތުގައި ބައެއް ރަށްރަށުގައި ރޯހައުސް ނުވަތަ ފްލެޓް އެ މަޝްރުއޫގެ ދަށުން އަޅިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެތަންތަމުގެ ކުރެހުންތައް މިހާރު ތައްޔާރުކުރަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ރޯ ހައުސް އަޅަން ޖެހޭ ރަށްރަށާއި ފްލެޓް އަޅަން ޖެހޭ ރަށްރަށަށް އަޅަން ޖެހޭ މިންވަރުތައް ފާހަގަކޮށް، އެތަނަށް ބޭނުންވާ ޓެންޑާ ޑޮކުމެންޓްތައް ތައްޔާރުކޮށް، ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ފެށެންވާއިރަށް އެ މަސައްކަތް ޓެންޑާކުރެވޭ ވަރަށް ސަރުކާރު އޮންނާނީ ތައްޔާރުވެފައި ކަމަށެވެ.
"އަތޮޅު ތެރޭ މި މަޝްރޫއު ހިންގާނީ ދިވެހި ކޮންޓްރެކްޓަރުންލައްވާ ސަރުކާރުން ހިންގާ މަޝްރޫއޫއެއްގެ ގޮތުގައި،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، އަންނަ މަހު ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮަށް ބޯހިޔާވަހިކަމުގެ ލޯނަށް ހުޅުވާލާނެ ކަމަށެވެ.
"އަތޮޅުތެރޭ ރަށްރަށުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގެދެރުގައި ގެ އެޅުމަށް ނުވަތަ އަޅާފައި ހުރި ގެއްގެއްގެ އިތުރުތަނެއް އެޅުމަށް ހައުންސިން ލޯނަށް ކުރިމަތިލެވޭނެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެކަމަށް ހުޅުވާލެވޭނެ." އަސްލަމް ވިދާޅުވި އެވެ.
އަންނަ އަހަރަކީ، އަތޮޅުތެރޭ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދޭނެ އަހަރެއް ކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފަ އެވެ.