“ލާ މަސީލު ޒުވާނާ ކޭމްޕް 2021 ” ނިންމާލައިފި

10 ޖެނުއަރީ 2022 - 10:34

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ  އާއި ފުލުހުން ގުޅިގެން އެ ސިޓީގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ލާމަސީލު ޒުވާނާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އައްޑޫ ސިޓީ ހައިސްކޫލްގައި ހަތެއް ޖެނުއަރީ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބައެއް އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލާއި އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

https://twitter.com/PoliceMv/status/1479515002130157568

މި ކޭމްޕް އައްޑޫސިޓީގައި ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 26 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާއިރު، ކޭމްޕްގައި 43 އަންހެނުންނާއި 48 ފިރިހެނުންވަނީ ބައިވެރިވެފައެވެ.

މި ކޭމްފުގައި، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައް ދަސްކޮށްދީފައިވާއިރު، އަލިފާނުގެ ހަދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނުތައް ވަނީ ދީފައެވެ. އަދި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން ރެޕަލިންގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން، އެހެނިހެން ކަންތަކާއި ގުޅޭ ގިނަ މައުލޫމާތުތައްވެސް ވަނީ ކޭމްޕްގެ ބައިވެރިންނަށް ދީފައެވެ.