ފުވައްމުލަކު ސިޓީގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅައިފި

14 ޑިސެމްބަރ 2021 - 12:10

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަޅުއްވައިދެއްވައިފިއެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެ ސިޓީގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއްކަމުގައި ވިދާޅުވިއެވެ.

އަދި މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަސްތެރޭގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި،  ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފައެވެ.އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފައެވެ.