އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢު ނިންމާލައިފި

27 ނޮވެމްބަރ 2021 - 7:09

"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް އަކްރަމް ކަމާލުއްދީނާއި އަލްފާޟިލް ޝިފާޒް އަލީއާއި ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަސް ފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް. ޕްރަޕައިޖިޓް ތޮންގްމާއާއި ، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ. ޖެސްޕަރ ހާރޑަރއާއި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ. ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 29.26 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުނީ 24 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.