ފްލެޓް ލިބުނު މީހުންނަށް މާރޗް މަސް ނިމުމުގެ ކުރިން ފްލެޓް ހަވާލުކުރެވޭނެ – މިނިސްޓަރ އަސްލަމް

25 ފެބުރުއަރީ 2021 - 9:30

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކަށް އަންނަ މާޗު މަސް ނިމުމުގެ ކުރިން ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީ އިން ނިންމަން ޖެހޭ ކަންތައް މިހާރު ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި އެގްރިމެންޓު ހެދުމުގެ ކުރިން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށްވެސް ހިޔާ ފްލެޓު ލިބިފައިވާ ކަމަށާއި ކުންފުނިތަކުގެ ހައުސިން މަޝްރޫއިން ފްލެޓު ލިބޭ މީހުން ހިޔާ ލިސްޓުގައި ހިމެނިފައިވޭތޯ ބަލައި ކަށަވަރުކުރުމުގެ މަސައްކަތް އެ މުވައްސަސާތަކާ، ކުންފުނިތަކާ ގުޅިގެން ކުރާނެ ކަމަށެވެ. މި މަސައްކަތް ތިން ހަފްތާ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.