ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފުލުހުން ކުޑަހުވަދޫގައި ކުރިއަށް ގެންގޮސްފި

15 ނޮވެމްބަރ 2021 - 10:19

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ކުޑަހުވަދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެ ޕްރޮގްރާމްތަކުގެ ތެރެއިން، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން 12 އަށް ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް މި މަހު 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި އެހެން މީހުންނަށް ދަތި ނުވާނޭހެން ދަރިވަރުންގެ އަމަލުތައް ބަހައްޓާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައިސްކަލު ދުއްވާނަމަ ދަރިވަރުން ސަމާލުކަން ދޭންވީ ކަންކަމާއި ޓްރެފިކް ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޓްރެފިކް ނިޝާންތަކާއި ޓްރެފިކް ސައިންތައް ބުނެދީފައިވެއެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ކުޑަހުވަދޫ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމަށް މިމަހު 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ފިހާރަތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ސަލާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ސައްހަނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މީހުންގެ ކިބައިން ރައްކާތެރިވުމާއި މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަންކުރުން ހުއްޓުމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ކުށެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އިރުޝާދު ދީފައިވެއެވެ.