ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

8 ނޮވެމްބަރ 2021 - 11:42

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ސަރުކާރުން 31 އޮކްޓޯބަރ 2021 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަންނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

މި މަޝްރޫޢުގެ ދަށުން، 5 މަގެއްގައި ތާރު އެޅުމާއި، 7511.70 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 2054 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.