ރިޕޯޓް: އިގްތިސާދް ކުރިއެރުމައް ރައީސް ޖެއްސެވި ހިސާބު ރަނގަޅު!

12 ޖެނުއަރީ 2021 - 3:30

ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ދިވެހި ސަރުކާރަށް ނިންމަންޖެހުނު އެންމެ ދަތި އުނދަގޫ ނިންމުމަކަށްވީ ބޯޑަރު ބަންދުކުރަން ޖެހުމެވެ. ރާއްޖެ އަށް ބޭރުގެ ފައިސާ ވަންނަ މައި ދޮރާށި އަދި އިގްތިސާދުގެ ވެސް މައިނާރު ބަންދުކުރަންޖެހުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. އެ ނިންމެވުން ނިންމެވިކަން އިއުލާންކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފެންކަޅިވެ، ހުއްޓުން އަރާގޮތްވީ ވެސް އޭގެ ދަތި އެމަނިކުފާނަށް އިހްސާސްކުރެއްވޭތީއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވިއެވެ.

“މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ޢާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭކަން އަޅުގަނޑުވެސް ގަބޫލުކުރަން. ނަމަވެސް، ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅުކުރައްވަންވީ، މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން،” ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވެފައި ވެއެވެ.

ބޯޑަރު ބަންދުކުރުމާ އެކު ޓުއަރިޒަމް ހުއްޓި ރިސޯޓްތަކާއި ގެސްޓްހައުސްތައް ބަންދުކުރަންޖެހުނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި މުސާރަތަކަށް އަސަރުކުރިއެވެ. އަދި އޭގެ އަސަރު ޖުމްލަކޮށް މުޅި އިގްތިސާދަށް ކުރިއެވެ. ދަތުރުފަތުރުގެ ނިޒާމު ވެސް ހުއްޓުމަކަށް އައުމުން ދަނޑިވެރިކަމާއި މަސްވެރިކަމަށް ވެސް ނޭދެވޭ އަސަރުކުރިއެވެ. ބޭރު ފައިސާ ލިބުން ދަތިވުމުން މުދާ އެތެރެކުރުން ފަދަ ކަންކަމަށް ވެސް ބުރޫ އެރިއެވެ. ނަމަވެސް ސަރުކާރުން އެ ފިޔަވަޅު އެޅީ އެ ނޫން އެއްވެސް ގޮތެއް ނެތިގެންނެވެ. އޭގެ އަސަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ވެސް ކުރިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލިބޭ އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ސްޓިމިއުލަސް ޕެކޭޖްތަކާއި ލޯންތައް ތައާރަފްކުރިއެވެ. އިގްތިސާދު ނެގެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ އަދި ހިންގަންޖެހޭ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. ދައުލަތުގެ މުސާރަތައް ކުޑަނުކޮށް އަދި އާންމު ހިދުމަތްތަކަށް ވެސް ބުރޫ އެރިޔަ ނުދިނުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަމާއި ލޯނުތައް ހޯދަމުން ދިޔައެވެ. އާންމު ފަރުދުންނަށް ކުރިމަތިވި ދަތިތައް ކުޑަކުރުމަށް އެ ފަރާތްތަކުގެ ލޯންތައް ދެއްކުން ފަސްކުރުން ފަދަ ގިނަ ކަންތައްތަކެއް ކުރިއެވެ.

ކޮވިޑްގެ ހާލަތަކީ އެއްވެސް ބަޔަކު ހިތަށް ވެސް ގެނެސްފައިވާ ކަމެއް ނޫނެވެ. އަންދާޒާ ވެސް ނުކުރެވި އޮތް މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ފެށި މަސައްކަތް ކޮޅެއްގައި ޖެހޭ އިރު އިގްތިސާދަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް އޭރު ވެސް އޮތީ ބެލެވިފައެވެ. ސަރުކާރުން އޭރު އުންމީދުކުރިހާ އަވަހަށް ބޯޑަރު ހުޅުވާލައި ނުވަތަ ކޮވިޑްގެ ހާލަތުން އަރައިނުގަނެވުނު ނަމަވެސް ބޯޑަރު ބަންދުކުރުން އިއުލާންކުރެއްވި ދުވަހު ރައީސް ވަނީ އުންމީދީ ވާހަކަފުޅުތަކެއް ވެސް ވިދާޅުވެފައެވެ. ރައީސް އެ ދުވަހު ވިދާޅުވިއެވެ.

“މިކަމުން އަރައިގަތުމާ އެކީގައި، އަޅުގަނޑަށް ފެންނަނީ އިޤްތިޞާދަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ތަން. އެނގިވަޑައިގަންނަވާނެ، މިކަމުގެ އެކްސްޕަރޓުން ވިދާޅުވާ ގޮތުގައިވިއްޔާ، މި އަހަރުގެ ފަހު ކްއާރޓަރ އާއި، މި އަންނަ އަހަރުގެ ފުރަތަމަ ކްއާރޓަރގައި އިކޮނޮމިކް ބޫމެއް އަންނާނެ ކަމަށް. އެހެންވީމާ، އަޅުގަނޑުމެން ކެތްކޮށްލައިގެން މި ގަޑީގައި ހިފަހައްޓާލައިގެން ތިބެންޖެހޭނީ. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް، މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑު ބަދަލުތަކެއް އަންނާނެ. އަޅުގަނޑަށް މަންޒަރު ފެންނަނީ ރާއްޖޭގެ ޓޫރިޒަމް ރިޒޯޓުތައް ހަމަ ފުރިގެންދާނެތަން،” މާޗް 25 ވަނަ ދުވަހު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މަޑުމަޑުން ރިސޯޓްތަކާއި އަދި އެކި މަރުހަލާތަކަށް ބަހާލައިގެން ގެސްޓްހައުސްތަކާއި ޓުއަރިސްޓް އެހެން ފެސިލިޓީތައް ހުޅުވަމުން ގޮސް މިއަދު ރާއްޖެ ވަނީ އެއްކޮށް ހުޅުވާލެވިފައެވެ. ޑިސެމްބަރާ ހަމައަށް އައި ސަރުކާރުން ލަފާކުރި ޓުއަރިޒަމް ޓާގެޓް ހާސިލްކުރިއެވެ. ޑިސެމްބަރު މަހުގެ މެދަކާ ހަމައަށް އައި އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އެރިއެވެ. ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީއާ ހަމައަށް އައި އިރު ރާއްޖޭގެ ގިނަ ރިސޯޓްތައް އޮތީ ގާތްގަނޑަކަށް ފުލްވެފައެވެ.

އިކޮނޮމިސްޓަކަށް ނުވި ނަމަވެސް ރައީސް ސޯލިހަކީ އަހަރުތަކެއް ވަންދެން ސިޔާސީ ދާއިރާގެ އިތުރުން ކާމިޔާބު ކަމާ އެކު އަމިއްލަ ވިޔަފާރިކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ދުނިޔޭގެ އިގްތިސާދުގެ އާޖުފާޖު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމާ މެދު ދެބަސްވުމެއް ނެތެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އަޑިގަނޑުން މުޅިން އަރައިގަނެވިފައި ނުވި ނަމަވެސް އެމަނިކުފާނު ލަފާކުރެއްވި ގޮތަށް އިގްތިސާދީ މަސައްކަތްތައް މިއަދު ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. ހަމައެކަނި ޓުއަރިޒަމެއް ނޫނެވެ. އެހެން ދާއިރާތަކަށް ވެސް އެ ބޫމް ވަނީ އަންނަން ފަށާފައެވެ.

“އިކޮނޮމިކް ކްރައިސަސްއެއް، ފައިނޭންޝަލް ކްރައިސަސްއެއް އައިސްގެނެއް ނޫނޭ މިއުޅެނީކީ. ބޭންކްތަކުގައި ފައިސާ އެބަހުއްޓޭ. މީހުން އަތުގައިވެސް އެބަހުއްޓޭ ފައިސާ. ޚަރަދުކުރަން ވެސް ބޭނުންވޭ. މިއަދުވެސް އަޅުގަނޑަށް އެނގުނު، ރަޝިޔާއިން އިތުރަށް ތިންސަތޭކަ މީހުންނަށްވުރެ ވެސް ގިނައިން ބުކިންގސް ހަދަންވެގެން ގުޅާފައި އޮތްކަން،” މާޗް 25 ވަނަ ދުވަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވެއެވެ.

އިގްތިސާދީ ދުވެލި ހަލުވުމުގެ ހަމައެކަނި ސަބަބަކީ ޓުއަރިޒަމަށް ލިބުނު ކުރިއެރުމެއް ނޫނެވެ. ސަރުކާރުން ހިންގަމުން އައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ވެސް އޭގެ މައިގަނޑު އެއް ސަބަބެވެ. އަހަރު ނިމުނު އިރު ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް އަލުން ފެށިފައިވާ އިރު އާ އަހަރުގެ ބަޖެޓާ އެކު އާ މަސައްކަތްތައް ވެސް ސަރުކާރުން ފެށުމަށް ވަނީ ރާވާފައެވެ. ރަށްރަށުގެ ތަރައްގީގާ ގުޅިފައިވާ ގިނަ މަޝްރޫއުތަކަކާއި މާލެ ސަރަހައްދުގެ ބިޔަ މަޝްރޫއުތައް ވެސް ކުރިއަށް އޮތް މަސްތަކުގައި ފެށިގެން ދާނެއެވެ. މިހުރިހާ މަސައްކަތްތަކާ އެކު ކޮންސްޓްރަކްޝަންގެ ދާއިރާ އަށް ވެސް ހަލުވިކަން އަންނަން ފަށާނެ ކަމަށް އަންދާޒާކުރެވެއެވެ.

ހާއްސަކޮށް މިދިޔަ ސަރުކާރުން ތަރައްގީކުރަން ފަށައި މި ސަރުކާރުން ނިންމަމުން އަންނަ ހިޔާ މަޝްރޫގެ ފްލެޓްތައް އާންމުންނަށް ދޫކުރާ ހިސާބުން ކޮންސްޓްރަކްޝަން ދާއިރާގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށް އަންދާޒާކުރެވެއެވެ. ސަބަބަކީ ގާތްގަނޑަކަށް ހަތް ހާހެއްހާ ފްލެޓް ދޫކުރަނީ ތަށިމުށި ޖެހުމާއި ދޮރުފަދަ މުހިންމު ކަންކަން ނުކޮށް ކަމަށް ވެފައި އެ ހުރިހާ ތަނެއްގެ އެ މަސައްކަތް އެއްފަހަރާ ކުރަންޖެހުމުން އެ މަސައްކަތްކުރާނެ ގިނަ ބަޔަކު ބޭނުންވާނެތީއެވެ. އެހެންކަމުން މިވަގުތު މަސައްކަތް ނުލިބި އެތައް ބަޔަކަށް ވެސް މަސައްކަތްތައް ލިބޭނެއެވެ.

މީގެ އިތުރުން ޓުއަރިޒަމް ދާއިރާގެ ކުރިއެރުމާ އެކު އެކަމާ ގުޅުންހުރި އެހެން ދާއިރާތަކަށް ވެސް ބޮޑެތި ކުރިެރުންތަކެއް ވަނީ ލިބެން ފަށާފައެވެ. އެ ގޮތުން ރިސޯޓްތަކަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އިމްޕޯޓްކުރާ މުދަލާއި މަހުގެ ބާވްތަކާއި ރަށްރަށުގައި ހުރި ގެސްޓް ހައުސްތަކަށް ބޭނުންވާ ތަފާތު އެކި ކަންކަމާއި އާންމު ވިޔަފާރި އަށް ވެސް ރަނގަޅު ކުރިއެރުމެއް ވަނީ އަންނަން ފަށާފައެވެ.

ރާއްޖޭގެ ޓުއަރިޒަމަށް މިހާ ބޮޑު ކުރިއެރުމެއް ލިބުމުގެ މައިގަނޑު އެއް ސަބަބަކީ ވާދަވެރި އެހެން މާކެޓްތައް ބަންދުވެފައި އޮތުމެވެ. އަހަރު ނިމެންދެން ވެސް މި ސަރަހައްދުގެ ގިނަ ގައުމުތަކެއް ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ހާއްސަކޮށް ލަންކާ އާއި މެލޭޝިޔާ، ފިލިޕީންސް އަދި ތައިލެންޑްގެ ގިނަ ތަންތަން ވެސް ބަންދުކޮށްފައި އޮތުމުން އޭގެ ފައިދާ ރާއްޖެ އަށް ކުރެއެވެ. ބޮޑެތި މުއްސަނދިންގެ މިސްރާބު ވެސް ހުރީ ރާއްޖެއަށެވެ. ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަ މިންވަރު މިއިން ދުވަހަކު އިތުރުނުވާ ވަރަށް އިތުރުވެފައިވާ އިރު އިންޑިއާގެ ފިލްމީ ތަރިންގެ މަގުބޫލު މަންޒިލަކީ ވެސް ރާއްޖެ ކަމަށްވުމުން މަޝްހޫރު އެތައް ބައެއްގެ ސޯޝަލް މީޑިއާގެ ފީޑްތަކުގައި ރާއްޖޭގެ ރީތިކަން ހިމެނުން ވެގެން ގޮސްފައި ވަނީ މާބޮޑު މަސައްކަތަކާ ނުލައި ވެސް ރާއްޖެ އިސްތިހާރުވުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ކޮވިޑްގެ ބަލި ހާލަތުގައި ސަރުކާރުން ގިނަ ރިސްކްތަކެއް ނެގިއެވެ. މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. ލޯނު ނަގައިގެން ވިޔަސް އިގްތިސާދު ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރިއެވެ. އާންމު ފަރުދުންގެ ވިޔަފާރިތައް ހުއްޓުމަކަށް އަޔަ ނުދިނުމަށް އެ ފަރާތްތަކަށް ލޯނުތައް ދިނެވެ. މި ރިސްކްތައް ބިނާވެފައި އޮތީ ފަހުން ހާސިލްވާނެ ކަމަށް އަންދާޒާކުރެވު ކަންކަމުގެ މައްޗަށެވެ. ރައީސް ސޯލިހް އޭރު އުންމީދުކުރެއްވި ދުވަސް މިއަދު ލިބިފައި ވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންގެ ވެސް ބުރަ މަސައްކަތުންނެވެ. އަދި އާންމު ފަރުދުންގެ ހިއްސާޔާއެކުގައެވެ.

“މިކަން ނިމުމާ އެކީގައި، ކުރިންވެސް ދެންނެވި ފަދައިން މިއަހަރުގެ ފަހު ކުއާޓަރއާއި، މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ބޮޑު ބޫމެއް ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކަމަށް މިކަމުގެ މާހިރުން އެބަ ވިދާޅުވަމުންދޭ،” ރައީސް އެ ދުވަހު ވިދާޅުވިއެވެ. އެ ދުވަސް މިއަދު ވަނީ އައިސްފައެވެ.