ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެނީ
4 ނޮވެމްބަރ 2021 - 7:14
ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ޤާއިމުކުރުމަށް ވަނީ މޯލްޑިވް ގޭސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ. ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެއްމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ޤާއިމުކޮށްގެނެވެ. މި މަސައްކަތް ކުރެވިގެން ދާނީ އެމް.އެން.ޑީ.އެފްގެ ރެގުލޭޝަންސްތަކާއި އެއްގޮތްވާގޮތުގެ މަތިންކަން ފާހަގަކުރަމެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފާވާއިރު މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސް އާއި ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.