ހިމެންދޫގައި ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގިފައިވާއިރު އިތުރު ކަންކަން އަދި ވެސް ކުރިޔަށްދާނެ: ރައީސް

24 އޮކްޓޯބަރ 2021 - 6:56

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހިމެންދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަ ކޮށްފައި ވަނީ ބަނދަރުގެ ނެރުގެ މައްސަލައާ، ރަށްގިރުމުގެ މައްސަލައާ، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީއެއް ނެތުމުންދިމާވާ ދަތިތަކާއި، ބޭންކް ގެ ޚިދުމަތް ނުލިބޭތީ ދިމާވާ ދަތިތަކާއި، އިތުރު މިސްކިތެއް ބޭނުންވާކަމާއި، ޕޮލިސް ސްޓޭޝަނެއް އަދި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައެވެ. ކައުންސިލުން ވަނީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި ކްލާސްރޫމް މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ އިދާރީ މުވައްޒަފުން މަދުވުމުން ދިމާވާ ދަތިތަކާއި ކައުންސިލްގެ ބަޖެޓް ހަމަޖެއްސުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ކޮމިޓިގެ މުސާރައަށް ގެނަސްފައިވާ ހެޔޮ ބަދަލަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެ ކޮމިޓިއިން ވަނީ ހިމަންދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން އިންޑޯ ޖިމެއް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމެންދޫގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން މިއަދު އެރަށުގެ ބަނދަރު ހުޅުވާފައިވާކަމަށާއި، ރަށްގިރުމުގެ މައްސަލަޔަށް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޕްލޭނެއްގެ ދަށުން އެރަށުގައި ވެސް ފުލުހުންގެ މަރުކަޒެއް އެޅިގެންދާނެކަމަށާއި، ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ވަނީ އެވޯޑް ކުރުމުގެ މަރުޙަލާގައިކަމަށް. ވިދާޅުވިއެވެ. 300 މީހުންގެ ޖާގައިގެ މިސްކިތެއް ހިމެންދޫގައި ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމެންދޫގައި އިންޑިޔާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިމެންދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.