ތިން ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައިފި

5 އޮކްޓޯބަރ 2021 - 15:08

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ތި. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ފުލުހުންގެ އިންޓެލިޖެންސާއި ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުންނާއި ކިނބިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އޭގެ އިތުުރުން ބ. ދަރަވަންދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހު 4 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ  އޮޕަރޭޝަނުގައި އެ ރަށު ފަޅުގެއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ހޯދާފައިވެއެވެ.

ލ. މާވަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ހޯދާފައިވެއެވެ.

މި ތިން މައްސަލައާ ގުޅިގެންވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.