ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 33000 އިން މައްޗަށް

14 ފެބުރުއަރީ 2021 - 14:17

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ ޢަދަދު ތެއްތިރީސް ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެކަނިވެސް 5،717 މީހަކަށްވަނީ ވެކްސިންދީފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 4،609 މީހުންނާއި، އަތޮޅުތަކުން ވެކްސިންޖެހި 1،108 މީހުންނެވެ.

މިހާތަނަށް މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޢަދަދު 27،065އަށް އަރާއިރު، އަތޮޅުތަކުން މިހާތަނަށް 6،041 މީހަކަށް ވަނީ ވެކްސިން ދީފައެވެ. މިއާއެކީ ރާއްޖޭގައި މިހާތަނަށް ޖުމްލަ 33،106 މީހަކަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.
އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށާއި، 55 އަހަރުން މަތީގެ މީހުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ދަނީކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 6 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ. ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ވެކްސިން ޖަހާދެނީ ހިލެއެވެ.