ކޮންޓްރެކްޓް ފާމިން މަޝްރޫއުގައި 113 ދަނޑުވެރިއަކާއެކު ސޮއިކޮށްފި

14 ފެބުރުއަރީ 2021 - 13:50

ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ދަށުން މިހާތަނަށް 113 ދަނޑުވެރިއަކާއިއެކު އެއްބަސްވުން ޤާއިމްކޮށްފައިވާކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ކޮންޓްރެކްޓް ފާމިން މަޝްރޫއުއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތަށް ދަނޑުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށާއި، ދާދިފަހުން އެ ކުންފުނިން ފަށާފައިވާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުއަށް ލިބެމުންދާ ތަރުހީބު ރަނގަޅުކަމަށް އެކުންފުނިންހާމަކުރިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެފައިވަނީ ކޮންޓްރެކްޓް ފާމިންގެ އުސޫލުން 45 ރަށެއްގެ ދަނޑުވެރިންނާއެކު ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭ އެއްބަސްވުން ޤާއިމްކުރައްވާނެކަމަށެވެ.

އެގްރޯނެޓުން ވިދާޅުވާގޮތުގައި އަދި އިތުރު 514 ދަނޑުވެރިއަކާއިއެކު އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާނެއެވެ. އަދި ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވުމަށް ޖުމްލަ 1308 ދަނޑުވެރިއަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. އެކުންފުނީގެ ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ދަށުން ހައްދަން ހަމަޖެހިފައިވާ 17 ބާވަތުގެ ތެރެއިން 4 ބާވަތެއް ލ. އަތޮޅުގައި މިހާރު ވަނީ ހައްދަން ފަށާފައެވެ. އެއީ ފަޅޯ، ބަށި، ހަނީ މެލަން އަދި ކިއުކަމްބާއެވެ. ބާކީހުރި ރަށްރަށުގައިވެސް މިމަހުގެ 20 ގައި ތަކެތި ހައްދަން ފެށޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ 5 ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. ހައްދާތަކެތި ދަނޑުވެރިންގެ މެދުގައި ބަހާލައި ކޮންމެ ދަނޑުވެރިއަކަށްވެސް މަދުވެގެން 2 ބާވަތް ހެއްދުމަށް ދޭނެއެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.