ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

20 ސެޕްޓެމްބަރ 2021 - 3:30

ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާކަމަށް ދައުލަތުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދެއްވައިފިއެވެ. އަދި ފެންހިންދާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެވެސް 83 ޕަސެންޓް ވަނީ ނިމިފައިކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަމީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17,776 އަކަމީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ41.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.