ނޯތު ރީޖަންގައި ކަސްޓަމްސްގެ ހެޑް އޮފީހެއް!

19 ސެޕްޓެމްބަރ 2021 - 2:58

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް ކުރިމަތީގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

             މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ކުޅުދުއްފުށީ ސިޓީގެ މޭޔަރގެ އިތުރުން ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސް ގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، ވިޔަފާރީގެ ޚަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތުމީހާއަށް ހެޔޮއަގުގައި ތަކެތި ގަންނަންލިބުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާ ކުޅަދާނަކަން ފާހަގަކޮށް މި މުހިއްމު ޤައުމީ ޚިދުމަތް ދިނުމަށްޓަކައި ހީވާގިކަމާއެކު ކަސްޓަމްސް އޮފިސަރުން ކޮށްދެއްވައި އަގުހުރި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަފުޅުގައި އަލަށް މި ޤާއިމް ކުރެވުނު އިމާރާތަކީ ރާއްޖޭގެ އުތުރުގައި އިޤްތިސާދީ ސިނާޔާތްތައް ތަރައްޤީކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެންމެފަހުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު ބަދަލާއިއެކު ރަސްމީ ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުން %50 ޑިއުޓީ މަޢާފްކުރުމަށް ހަމަޖެހުމާއެކު މި ސަރަހައްދުން ޚިދުމަތް ހޯއްދަވާ

ފަރާތްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި މި އޮފީސް އިމާރާތުގެ ސަބަބުން ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިމުގެ އިތުރުން މާލޭ ކޮމާޝަލް ބަނދަރުގެ ޓްރެފިކަށް ލުއެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރުވެސް ކަސްޓަމްސްގެ ކޯލް ސެންޓަރ ހިނގަމުންދަނީ މި އިމާރާތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ފެސިލިޓީގައި ބޯޑަރުގައި މަސައްކަތްކުރައްވާ އިދާރާތަކާއެކު ގައުމީ ފެންވަރުގެ ތަމްރީނުތައް ހިންގުމަށް ރޭވިފައިވާއިރު، މި ފެސިލިޓީއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއިން އެކްރެޑިޓްކޮށްފައިވާ ރީޖަނަލް ޓްރެއިނިންގް ސެންޓަރަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ ރައްޔިތުންނާ ވިޔަފާރިވެރިންނަށް ގިނަ ޚިދުމަތްތަކެއް  ފޯރުކޮށް ދެމުންއަންނަ ރަށަކަށްވެފައި، މިއަދު މި ހުޅުވުނު ކަސްޓަމްސްގެ ނޯތް ރީޖަނަލް ހެޑް އޮފީހާއެކު ކުޅުދުއްފުށިން ދެމުންގެންދާ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެކަމަށެވެ.

ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ މަސައްކަތް 2017 ގައި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފެށިފައިވާއިރު، މި އިމާރާތް ޤާއިމްކުރުމަށް 16.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވިފައިވެއެވެ. މި 3 ބުރީގެ އިމާރާތުގައި އޮފީސް އޭރިޔާއަކާއި،ރީޖަނަލް ޓްރެއިނިންގް ސެންޓަރެއްގެ އިތުރުން ސްޓާފް އެކަމަޑޭޝަންބައެއް ޤާއިމް ކުރެވިފައިވެއެވެ.