ހަނިމާދޫ ބަނދަރު މަޝްރޫއުގެ ދަށުން ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ ގެންގޮސްފި: އެމްޓީސީސީ

16 ސެޕްޓެމްބަރ 2021 - 7:23

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަތައް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށްއެ މަސައްކަތް ކުރަމުންދާ ދައުލަތުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދެއްވައިފިއެވެ..

އެމްޓީސީސީން ބުނީ ބޮޑުހިލަތައް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސެޕްޓެމްބަރު 2019ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 355 މީޓަރުގެ ބޭރުތޮއްޓަކާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

އޭގެ އިތުރުން 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.