ފޭދު ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

6 ސެޕްޓެމްބަރ 2021 - 7:25

ފޭދު ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ހިއްސާކުރައްވައިފިއެވެ.

އެމްޓީސީސީން ބުނީ ށ. ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 97 ޕަސެންޓްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 33.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ހިންގާ މަޝްރޫޢެއްކަމަށެވެ.