ދައުލަތުގެ ޢާމްދަނީ 11.2 ބިލިއަން، މިދިޔަ އަހަރަށްވުރެ އިތުރު!

5 ސެޕްޓެމްބަރ 2021 - 9:44

ފިނޭންސް މިނިސްޓްރީން ޢާންމުކުރައްވާފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާ، އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީގެ %74 ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. އެއީ 8.3 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7.4 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޙަރަދުތައް އުޅެނީ 18.1 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ޚަރަދުތައް އުޅުނީ 18.3 ބިލިއަން ރުފިޔާގައެވެ. މިއަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ %78އެވެ.

ޢަދަދުން ބަލާނަމަ މިއީ 14.1 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށެވެ. ޚަރަދުތަކުގެ %22 ހޭދަކޮށްފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. އެއީ 3.9 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.