ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް އެމްޓީސީސީން ތަރައްގީކުރަނީ

1 ސެޕްޓެމްބަރ 2021 - 8:47

ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޖުމުލަ 41.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކައި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އަކާއި 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ޖަހާނެ އެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ ފަސް މަސް ދުވަސް ތެރޭގަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުން މާލެއާ 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކާނެ އެވެ. އެއީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.

އެ މަޝްރޫއަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައި ވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. އެއީ މިހާރުވެސް ގިނަ ބިންހިއްކުމުގެ މަޝްރޫއު ތަކަށް ވެލި ނަގަމުންދާ ސަަރަހައްދެކެވެ. އަދި މި މަޝްރޫއަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.