ހިޔާ ފްލެޓްގެ ފިނިޝިން ނިންމަން 4 މަސް، ކުލި ނަގާނީ ޖެނުއަރީއިން ފެށިގެން: އެޗްޑީސީ

15 އޯގަސްޓް 2021 - 1:18

ހިޔާ ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސްދުވަހުގެ މުއްދަތެއް ދޭން މިހާރު ނިންމާފައިވާ ކަަމަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެެއްޖެއެވެ.

މީގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ފިނިޝިންގެ މަސައްކަތް ނިންމަން ތިން މަސް ދުވަސް ދިނުމަށެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ސުހައިލް ވިދާޅުވީ ގިނަ ބައެއްގެ އެދުމުގެ މަތިން ފިނިޝިންގެ މަސައްކަތް ނިންމުމަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފިނިޝިންގެ މަސައްކަތް ނިންމަން ހަތަރު މަސް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާއި، އެއާއެކު ފުލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ކަަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ފުލެޓުތަކަށް ކަރަންޓު ލުމުގެ ކަންކަން ހަމަޖެހޭނެކަމަށެވެ.

އަދި ފުރަތަމަ ބުރުގެ ފުލެޓު ސައިނިން މި މަހުގެ 18 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށާއި، މިހާތަނަށް ޖުމްލަ 3200 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.