ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓު ތައާރަފްކޮށްފި
14 އޯގަސްޓް 2021 - 6:40
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ކޮވިޑް ސޭފް" ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ތައާރަފުކޮށްފި އެވެ. މިއީ ކޮވިޑް-19 ގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ދޫކުރާ ޕާސްޕޯޓެކެވެ.
އެޗްޕީއޭއިން ވިދާޅުވީ، ޕޯޓަލްއަކީ ހެލްތް މިނިސްޓްރީން ރަސްމީކޮށް ބޭނުން ކުރާނެ ވެކްސިން ޕާސްޕޯޓް ކަމަށާއި .އެ ޕޯޓަލް މެދުވެރިކޮށް ވެކްސިނާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށެވެ.
މި ޕޯޓަލްގެ ލިންކް އަކީ https://covidsafe.mv އެވެ.
މި ޕޯޓަލް މެދުވެރިކޮށް އެ މީހަކު އެންމެ ފަހުން ހެދި ކޮވިޑް ޓެސްޓުތަކުގެ ނަތީޖާވެސް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ހަމައެހެންމެ އެ ޕޯޓަލް މެދުވެރިކޮށް ދަތުރުކުރުމުގައި ލިބިފައިވާ ލުއިތައް ވެސް އެނގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓަށް މައުލޫމާތު އެއްކުރެވިގެން ދާނީ އެ އެޖެންސީގެ އައުޓް ބްރޭކް ސިސްޓަމާއި، ދިފާއު ޕޯޓަލް މެދުވެރިކޮށެވެ. އަދި އައުޓް ބްރޭކް ސިސްޓަމުން އެމީހެއްގެ ކޮވިޑް ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާއާއި ކަރަންޓީން ވެފައިވާ ނަމަ އެ މައުލޫމާތެއް ހިމެނޭހެން ކޮވިޑްގެ މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ކޮވިޑް ދިފާއު ޕޯޓަލް މެދުވެރިކޮށް އެމީހަކު ޖެހި ވެކްސިން ޑޯޒްތަކާއި ވެކްސިން ޖެހި ތާރީހު އެނގޭނެހެން ވެކްސިނޭޝަން ކަވަރޭޖްގެ މައުލޫމާތު އެއް ކުރެވޭނެ ކަމަށާއި މި ދެ ޕްލެޓްފޯމުން އެއްކުރެވޭ މައުލޫމާތުތައް އެމީހެއްގެ އައިޑީކާޑް ނަންބަރު ނުވަތަ ޕާސްޕޯޓާ ގުޅުވައިލެވިގެންދާނެ ކަމަށެވެ.