ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް

10 އޯގަސްޓް 2021 - 15:25

ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފިއެވެ.

އެކުންފުނިން ބުނީ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށް ގެންދެވިފައިވާކަމަަށެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް ޑަބްލިޔު އެސް ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ޖުމްލަ 86،048،775.51 ދިވެހި ރުފިޔާގެ މި މަޝްރޫޢު 540 ދުވަހުގެތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމް ޑަބްލިއު އެސް ސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ރަށުގެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.48 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި ސީ އައުޓް ފޯލެއް ޤާއިމްކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ފެންކުންފުނިން ބުނެއެވެ. އަދި މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމް ޑަބްލިއު އެސް ސީން ހާމަކޮށްފައިވެއެވެ.