ހދ. ނެއްލައިދޫ ބަނދަރުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

8 އޯގަސްޓް 2021 - 18:11

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައި ވާކަމަށް އެމްޓީސީސީން ހާމަ ކޮށްފިއެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައި ވާއިރު، މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ވެސް ނިމިފައި ވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން 2,102 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.