ހދ. ނޮޅިވަރަންފަރާއި ހަނިމާދޫގެ ހައުސިންގ ޔުނިޓްތައް ނިންމުމަށް ބަޔަކާއި ހަވާލުކޮށްފި

24 ޖުލައި 2021 - 6:39

ހދ. ނޮޅިވަރަންފަރާއި ހަނިމާދޫގެ ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަޝްރޫއު ނިންމުމަށް އަމިއްލަ 2 ކުންފުންޏަކާ ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފި އެވެ.

އެގޮތުން ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމުމަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 53,544,424.97 ރުފިޔާ އަށެވެ.

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 48 ހައުސިންގ ޔުނިޓް މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 79,393,199.70 ރުފިޔާ އަށެވެ.

މި މަސައްކަތް އެ ކުންފުނިން 330 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި މި މަޝްރޫއުތައް ހުއްޓިފައިވަނީ 2014 ވަނަ އަހަރު އެވެ.