މިއަދުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މާސްކް އެޅުން މަޖުބޫރު

7 ފެބުރުއަރީ 2021 - 15:50

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މިއަދުން ފެށިގެން މާސްކް އެޅުން އެޗްޕީއޭއިން މަޖުބޫރުކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ފެނުން އިތުރުވެ، އަތޮޅުތެރޭގެ ގިނަ ރަށްރަށެއްގައިވެސް މިހާރު މިބަލި ފެތުރެމުންދާތީއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިމަހުގެ ދެވަނަ ދުވަހު ނެރުއްވާފައިވާ އިއުލާނުގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް 2 އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެއެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންނާއި ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު ތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މާސްކް އެޅުން މަޖުބޫރުކުކޮށްފައިވާއިރު، މާސްކް ނާޅާއުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާލެ ސަރަހައްދުގައިވެސް ބައެއް މީހުން މަގުމަތީގައި އުޅޭއިރު މާސްކް ބޭނުންކުރަންޖެހޭ ގޮތާއި ހިލާފަށް މާސްކް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަނގައާއި ނޭފަތް ނިވާނުވާގޮތައް މާސްކް އަޅާފައި ހުންނަތަން މަދުން ނަމަވެސް ފެނެއެވެ.

ކޯވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވެފައިވާއިރު މި އަދަދުތައް ދަށްކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖޭގައި މިހާރު ކޯވިޑް ވެކްސިން ދޭންފަށާފައިވީނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ކަނޑައަޅާފައިވާ ފިޔަވަޅުތައް ނާޅާ އަދި ދޫކޮށްލެވޭކަށެއްނެތެވެ.