މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއްލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

7 ފެބުރުއަރީ 2021 - 6:12

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ. މިއަހަރު ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިމިވަނީ އަހަރުގެ ފުރަތަމަ 35 ދުވަސްތެރޭގައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 102107 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 47.3 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 193697 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 22178 ފަތުރުވެރިންވަނީ އައިސްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް 20027 ފަތުރުވެރިންވަނީ އައިސްފައެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޤައުމަކީ ޔޫކްރެއިންއެވެ. އެޤައުމުން 7373 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2500 ފަތުރުވެރިން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ. ރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ 27 އެއަރލައިނަކުންވެސް އަންނަނީ ދަތުރުކުރަމުންނެވެ.