ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ސިއްހީ ބައެއް ސާމާނު ހަވާލުކޮށްފި

5 ޖުލައި 2021 - 17:31

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ސިއްހީ ބައެއްތަކެތި މިއަދު ރަސްމީކޮށް ޙަވާލްކޮށްފި އެވެ.

މިއީ ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ ޖަމިއްޔާއިން ވެދިން އެހީތެރިކަމެކެވެ.

މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރު އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭހާއި 11 ޖީން އެކްސްޕާޓް މެޝިން، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާއި ގުޅިގެން ޙަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް 6 މޮޓޯސައިކަލް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ވެސް ވަނީ ޙަވާލުކޮށްފަ އެވެ.

މި ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިންއާއިއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންކުރެވޭތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ އެވެ.

މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

ޚާއްޞަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިނާއި ޓެސްޓްކިޓާއި ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުން ނެވެ. އަދި އިމަރޖެންސީ ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.