އެމްޕީއެލްގެ ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑުކޮށްފި

5 ޖުލައި 2021 - 7:34

މޯލްޑިވިސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ޕޯޓަލް، މައި ބަނދަރު ޕޭމަންޓް ގޭޓްވޭ ފަސޭހަ ހިދުމަތްތަކާއި އެކު އަޕްގްރޭޑްކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ މިހާރު އެޕް ބޭނުންކޮށްގެންވެސް އަދި ލިންކު ބޭނުންކޮށްގެން ޕޯޓަލްއިން ބޭރުންވެސް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. ހަމައެއާއެކު މޯބައިލް ޕޭ އެޕްގެ ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖައްސާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މީގެ ސަބަބުން އެމްޕީއެލްގެ ޚިދުމަތް ހޯދަމުން އަންނަ ކުންފުނިތަކާއި ޝިޕިންގ އޭޖެންޓުންނަށްވެސް ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތްތައް ހިންގޭނެކަމަށް އެމްޕީއެލްއިން ފާހަގަކުރައްވައެވެ.

އެމްޕީއެލްގެ ޕޭމަންޓް ގޭޓްވޭ އަޕްގްރޭޑުވުމާއެކު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އޮންލައިން ޕޯޓަލްގައި ރަޖިސްޓަރވެވޭނެކަމަށް އެމްޕީއެލްއިން ހާމަކުރައްވައެވެ. އަދި އެފަރާތެއްގެ މުދަލާ ގުޅޭ މަޢުލޫމާތު ބެލުމާއި ދައްކަންޖެހޭ ފައިސާ އާއި ފައިސާ ދެއްކިކަމުގެ މަޢުލޫމާތާއި އޭގެ ތަފްސީލުވެސް އޮންލައިން ޕްލެޓްފޯމުން ފެންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން ޝިޕިންގެ އެޖެންޓުންނަށް އޮންލައިންކޮށް އީޓީއޭ – އެސްޓިމޭޓެޑް ޓައިމް އޮފް އެރައިވަލްއާއި ބީއެލް – ބިލް އޮފް ލޭޑިންގއަށް އެދި ހުށަހެޅޭނެއެވެ.

އެމްޕީއެލްއިން ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19އިން ރައްކާތެރިވުމަށް މީހުން އެއްތަނަކަށް އެއްވުން ވީހާވެސް ބޮޑަކަށް މަދުކުރުމަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުންވެސް އޮންލައިންގެ ޒަރިއްޔާއިން ކުރެވޭކަންކަންކަމުގައި އެވަޞީލަތްތަކުގެ އެހީ ހޯދުމަށް އެމްޕީއެލްއިން އިލްތިމާސްކުރައްވައެވެ.