ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

1 ޖުލައި 2021 - 10:14

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

(ޤާނޫނު ނަންބަރު 2013/5) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެ ކަމަށާއި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި، މި ގެނެވުނު އިޞްލާޙުތަކު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.