ކޯވިޑް-19 ދިފާޢު ކެމްޕޭން: 5 ދުވަސްތެރޭ ޖުމްލަ 4،269 މީހުންނަށް ވެކްސިން ޖަހައިފި

6 ފެބުރުއަރީ 2021 - 6:56

މާލެން ކޯވިޑް-19ގެ ވެކްސިން ޖެހި މީހުންގެ އަދަދު 3500އަށްވުރެ އިތުރު، މިހާތަނަށް ވެކްސިންދިން މީހުންގެ ޖުމްލަ އަދަދު 4269 އަށް އަރައިފިއެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 1003 މީހަކަށް ވަނީ ކޯވިޑް-19 ވެކްސިން ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ދިން 787 މީހުންނާއި އަތޮޅުތަކުން ވެކްސިން ދިން 216 މީހުންނެވެ.

އެޗްއީއޯސީން މައުލޫމާތުދެއްވާގޮތުގައި މިހާތަނަށް މާލެ ސަރަހައްދުން ޖުމްލަ 3573 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން މިހާތަނަށް ޖުމްލަ 696 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގެ ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާތާ 5 ދުވަސްވެފައިވާއިރު، ވެކްސިން ދިނުމަށް މާލޭގައި 6 ސެންޓަރެއް އަދި އަތޮޅުތަކުގައި 7 ސެންޓަރެއް ވަނީ ޤާއިމް ކޮށްފައެވެ. މާލޭގެ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާ ސެންޓަރ ތަކުގެ ތެރޭގައި މާލޭ ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

ރާއްޖޭގައި ކޯވިޑް19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަންފަށާފައިވަނީ އޮކްސްފޯޑާއި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިން ތައްޔާރުކުރީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައެވެ. ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްއަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންއެވެ.

ވެކްސިން ފުރަތަމަ ފަށާފައިވަނީ ކޯވިޑް 19އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރަމުންދާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި މިހާރުވަނީ ޓީޗަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށްވެސް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. ވެކްސިންގެ ޑޯޒް ފުރިހަމަކުރެވޭނީ ދެ ޑޯޒް ވެކްސިން ޖަހައިގެންނެވެ. ފުރަތަމަ ޑޯޒްއަށްފަހު ދެވަނަ ޑޯޒް ޖަހަންޖެހޭނީ 4 ހަފްތާ ފަހުންނެވެ.

ރާއްޖެއިންވަނީ ކުރިއަށް އޮތް ހަމަސްތެރޭ، ވެކްސިން ޖެހޭ މުޅި އާބާދީއަށް ވެކްސިން ދީ ނިންމުމަށް އަމާޒު ހިފާފައެވެ. އެގޮތުން 7 ލައްކަ ޑޯޒް ގެނައުމަށް ސަރުކާރުން އޯޑަރު ދީފައިވާއިރު، ޗައިނާއިންވެސް ރާއްޖެއަށް 100000 ވެކްސިން ޑޯޒް ހައިޔާކުރުމަށްވަނީ ނިންމާފައެވެ.