ސްޓެލްކޯއިން ވަގުތީގޮތުން ބަހައްޓާފައިވާ ޖަނަރޭޓަރުތަކުން ލިބޭ ގެއްލުން ހައްލުކުރުމަށް މަސައްކަތް ކުރަނީ

26 ޖޫން 2021 - 17:07

ސްޓެލްކޯގެ މާލެ އިންޖީނުގޭގައި ވަގުތީ ގޮތުން ބެހައްޓާފައިވާ ޖަނެރޭޓަރުތަކުގެ ސަބަބުން، އާންމުންނަށް ވަމުންދާ އުނދަގޫތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރ އޮޓޯރިޓީން ވިދާޅުވެއްޖެއެވެ.

ޔޫޓިލިޓީ ރެޖިއުލެޓަރ އޮޓޯރިޓީން ވިދާޅުވީ، 2020 ވަނަ އަހަރުގައި ކަރަންޓު ނުކެނޑި ކަށަވަރުކަމާއެކު ކަރަންޓު ދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މާލެ އިންޖީނުގޭގައި ވަގުތީ ގޮތުން ބެހައްޓާފައިވާ ޖަނެރޭޓަރުތަކުގެ ސަބަބުން، އެހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މި ޖަނެރޭޓަރުގަކުގެ އަޑާއި، ނިކުންނަ ދުމާއި، އެޖަނެރޭޓަރުތަކުން އުފައްދާ ވައިބްރޭޝަންތަކުގެ ނޭދެވޭ އަސަރު ކުރާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.

ސްޓެލްކޯގެ މާލެ އިންޖީނުގޭ ސަރަޙައްދުގެ މާނިފާ ހިނގުމާއި، ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާގޮތަށް ގާކޮށީގެތެރޭގައި އަލަށް ބެހެއްޓިފައިވާ ޖެނަރޭޓަރުތަކަކީ މާލޭގެ ކަރަންޓު ބޭނުންވާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، މާލެއިން ކަރަންޓު ނުކެނޑި ހިފެހެއްޓުމަށްޓަކައި، ސްޓެލްކޯގެ ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން ޖެހިފައިވާތީވެ ބެހެއްޓިފައިވާ ވަގުތީ ޖެނެރޭޓަރުތަކެކެވެ. އަދި މިމައްސަލައަށް އެންމެ އަވަސް ހައްލެއް ކަމަށް އެއޮތޯރިޓީއަށް ފެނިފައިވަނީ ސްޓެލްކޯއިން ވަގުތީ ގޮތުން ބަހައްޓާފައިވާ ޖެނެރޭޓަރުތައް ހިންގުން ހުއްޓާލުންކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރ އޮޓޯރިޓީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދަނީ އަސާސީ ހިދުމަތަކަށްވެފައި، މިގޮތަށް ކަންކުރުމުން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަންޖެހި ޖެނެރޭޓަރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމާއެކު އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން އެކިކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެކަމަށް ވަނީ ބުނެފައެވެ. އަދި މިއޮތޯރިޓީއާ ސްޓެލްކޯއާ އެކު ކުރެވުނު މަޝްވަރާތަކުގައި، ވަގުތީ ގޮތުން ބެހެއްޓިފައިވާ ޖެނެރޭޓަރުތަކަކީ ކޮންމެހެން ހިންގަންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުހިންގާނެ ޖެނެރޭޓަރުތަކެއްކަމުގެ ޔަޤީންކަން ސްޓެލްކޯއިން ދީފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލެވިގެން ދިއުމުންކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރ އޮޓޯރިޓީން ވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމުގައި ސްޓެލްކޯ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ބައެއް ކަންތައްތައް ކުރުމަށް ސްޓެލްކޯއަށް 2021 ޖޫން 22 ވަނަ ދުވަހު އަންގާފައިވާކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރ އޮޓޯރިޓީން ވިދާޅުވެއެވެ. އޭގެތެރޭގައި ހިމެނެނީ:

  • މި މައްސަލައަށް ދާއިމީކޮށް ޙައްލުވަންދެން ޖަނަރޭޓަރުތަކުން ވާ އުނދަގޫ ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން.
  • މާލެ-ހުޅުމާލެ އިންޓަރކަނެކްޝަންގެ މަސައްކަތް 31 ޖުލައި 2021 ގެ ނިޔަލަށް ނިންމައި ކަރަންޓު ދޭން ފެށުން
  • 15 އޮގަސްޓް 2021 އާ ހަމައަށް ދެންނެވުނު ވަގުތީ ޖަނަރޭޓަރުތައް އެއްކޮށް ހުއްޓާލައި ޑީކޮމިޝަންކުރުން
  • މުސްތަޤުބަލުގައި އިތުރު ޖަނަރޭޓަރެއް ބަހައްޓާކަމުގައި ވާނަމަ އަކަމަށް ބޭނުންވާ ހުރިހާ އެސެސްމަންޓްތައް ހުދުމަށްފަހުގައި، ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން އެކަންތައްތައް ކުރުން.

 
ޖަނަރޭޓަރުތައް ބަހައްޓައި ހިންގުމުގައި ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދާނަމަ، މިފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ވަރަށް ކުޑަވާނެކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.