2020ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރު

4 ފެބުރުއަރީ 2021 - 7:06

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 67703 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް 2019 ވަނަ އަހަރު މި އަދަދު އުޅުނީ 56421 މެޓްރިކް ޓަނުގައެވެ. އެހެންކަމުން 2020 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %20 އިތުރުވެފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ ތާޒާމަހާއި، ފިރިކުރި މަހާއި، ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި މަހާއި، ޕްރޮސެސްކޮށްފައި ހުންނަ މަހެވެ. ތާޒާ އަދި ފިނިކުރި ކަންނެލީގެ ބާވަތްތަކުގެ ގޮތުގައި މިދިޔަ އަހަރު 57410 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، 2019 ވަނަ އަހަރު އެކްސްޕޯޓްކޮށްފައިވަނީ 46000 މެޓްރިކް ޓަނެވެ.
ދަޅުގައި ނުވަތަ ޕައުޗްގައި 7000 އަށްވުރެ ގިނަ މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި ޕްރޮސެސްކޮށްފައި ހުރި 2000 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. 2020 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މަހުގެ ބޮޑުބައި އެކްސްޕޯޓްކޮށްފައިވަނީ އެއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑެވެ. މީގެއިތުރުން ޖަރުމަނުވިލާތް، އިންޑިއާ، އިނގިރޭސިވިލާތް، އަދި ފަރަންސޭވިލާތައްވެސް އަންނަނީ މަސް އެކްސްޕޯޓްކުރަމުންނެވެ.

2020 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވާއިރު ކޯވިޑްގެ ސަބަބުން ބޯޑަރު ބަންދުކޮށް ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓިފައި އޮތުމުގެ ސަބަބުން މިދިޔަ އަހަރު އެކްސްޕޯޓްކުރުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާންވެސް ޖެހިފައެވެ.