ވޯޓަރ ސޭފްޓީ ޕްލޭން އަދި ސެނިޓޭޝަން ސޭފްޓީ ޕްލޭން ތައްޔާރުކުރުމާއިގުޅޭ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

23 ޖޫން 2021 - 6:13

ގަވާއިދު ނަންބަރ 2021/R-23 (ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަށު ކައުންސިލުތަކުން ތައްޔާރުކުރަންޖެހޭ ” ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ހެދުމަށްޓަކައި ބޭނުންވާ ތަމްރީނު ޕްރޮގްރާމް އޮންލައިންކޮށް ފަށައިފިއެވެ.

މިޓްރެއިނިންގ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތު ފުރިހަމަކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަހްމަދު މުޖްތަބާ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަހްމަދު މުޖްތަބާގެ އިތުރުން ވަރލްޑް ހެލްތް އޯގަނައިޒޭޝަންއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް، ޑރ. ނަޒްނީން އަންވަރު ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ޚިދުމަތް ދެމުންދާ ރައްތަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، “ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ތައްޔާރުކޮށް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ފަސް ދުވަހުގެ މުއްދަތަކަށް ބަހައިލައިގެން ނެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިތަމްރީނު ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފެނާއި ނަރުދަމާ ޚިދުމަތްދޭ ކުންފުނިތައް، ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވާ ގޮތަށް ހަމަޖެހިފައި ވެއެވެ.

މިއަދު މި ފެށިގެން ދިޔަ ” ވޯޓަރ ސޭފްޓީ ޕްލޭން” އާއި، “ސެނިޓޭޝަން ސޭފްޓީ ޕްލޭން” ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމަކީ މި ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ހުޅުވާލެވިގެން ދިޔަ އިތުރު ދޮރެކެވެ.