ކުރިއަށް އޮތް 5 ދުވަހުގެ ތެރޭ އަތޮޅު ތަކަށް 15 ޕީސީއާރު މެޝިން ފޮނުވަަން ނިންމައިފި

21 ޖޫން 2021 - 16:47

އަތޮޅުތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

ކޮވިޑުގައި ހާލު ސީރިއަސްވެ، މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަާ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، ނަސީމު ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެ މެޝިންތައް ފޮނުވާނެކަމަށެވެ.

ނަސީމު ވިދާޅުވީ، މިހާރަކަށް އައިސް މާލެއަށް ވުރެ އަތޮޅުތެރެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕީސީއާރު މެޝިން ނެތް ކަމަށެވެ.

ރާއްޖެތެރެއަށް ފޮނުވާ މެޝިން ތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެކެވެ. މި މެޝިންތައް ފޮނުވާ އަތޮޅުތަކެއް އަދި ސާފެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ އަތޮޅެއްގައި މެޝިނެއް ބެހެއްޓުމުގެ ވިސްނުން އަދި ނެތް ކަމަށެވެ. ނަމަވެސް މެޝިން ހޯއްދަވާ ކަމަށާއި، އަންނަ ޖުލައި މަހުގެ ތެރޭގައިވެސް 5 ޕީސީއާރް މެޝިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.