އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ބާއްވައިފި

20 ޖޫން 2021 - 16:24

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ “ފަހިވޯޓު” މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

އަހަރީ ޢާންމު ޖަލްސާ ބާއްވާފައި ވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން “ފަހިވޯޓް” މެދުވެރިކޮށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާ އަކަށް 3 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 224.7 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް 40 އަހަރުގެ ދިގު މުއްދަތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރުކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 30 ޙިއްސާ ދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 07 ޙިއްސާދާރުން ތަމްސީލު ކުރިއެވެ. ޖަލްސާގައި މުޅިއަކު ތަމްސީލުވީ 37 ޙިއްސާދާރުންނެވެ. އެއީ މުޅިއަކު 957,551,5 ޙިއްސާއެވެ.

ސަރުކާރުން ނާއި ޢާންމު ޙިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލް ކުރައްވާ ބޭފުޅުންގެ ނަންތައް އިޢުލާން ކުރެއްވިއެވެ.

2020 ވަނަ އަހަރަށް ޙިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ޙިއްސާއަކަށް 03 ރުފިޔާ ބެހުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. އަދި ކުންފުނީގެ 2020 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2019 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

2021 ވަނަ އަހަރަށް ކު ންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ޙިއްސާދާރުން ހޮވި ފަރާތަކީ ޕްރައިސްވޯޓަރހައުސްކޫޕާސް އެވެ.