ކ.ގިރިފުށީ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއަށް ހަވާލުކޮށްފި

15 ޖޫން 2021 - 9:23

ކ.ގިރިފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއަރޓާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެމްއެންޑީއެފް އިން ސޮއިކުރެއްވީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤުއެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 314 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. 145 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަސައްކަތަށް ޖުމުލަ 18.35 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، ކުރިއަށްއޮތް 28 ދުވަހުގެ ތެރޭގައި، މި ޕްރޮޖެކްޓްގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު، ރިޕޯޓެއް އެކުލަވާލަން ޖެހެއެވެ. އަދި، ރިޕޯޓް ލިބޭތާ 14 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ގިރިފުށީގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައި މިވަނީ، ގިރިފުށީގައި އެކަށީގެންވާ ކަނޑުތޮއްޓެއް ލެވިފައި ނުވާތީ، ބަނދަރު ތެރޭ ރާޅު ގަދަވެ އުޅަނދުފަހަރަށް ގެއްލުން ލިބުމާއި، ސިފައިންގެ ތަމްރީނުތަކުގައި ބައެއް ޕްރޮގްރާމްތައް ހިންގުމަށް ގިނަ ދަތިތަކެއް ދިމާވަމުން އަންނާތީއެވެ.