ހިޔާ ފްލެޓްގެ ގޭސް ހޮޅި އެޅުމަށް ކޮންސަލްޓެންޓުންނަށް ބީލަމަށް ހުޅުވާލައިފި

10 ޖޫން 2021 - 9:30

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ހޮޅި އެޅުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ބީލަމަށް ހުޅުވާލައިފި އެވެ.

ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ.

މޯލްޑިވް ގޭސް އިން ކުރި އިއުލާނުގައި ބުނީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް ބީ ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޓީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޓައިޕް އޭގެ 10 ޓަވަރުގައި 3،840 އެޕާޓްމެންޓު އަދި ޓައިބް ބީގެ ހަ ޓަވަރުގައި 2،880 އެޕާޓްމެންޓު ހުންނާނެ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. ހިޔާ ފްލެޓްގައި ގޭސް ހޮޅި އަޅަނީ އުސްކޮށް އިމާރާތްކޮށްފައިވާތީ ލިފްޓުން ގޭސް ފުޅި އެރުވުމުގައި ދަތިވާނެތީކަމަށް އެޗްޑީސީން ބުނެއެވެ.