ރައްޔިތުންނާ އެކު ރައީސް އެބަ ހުންނެވި!

27 މެއި 2021 - 9:49

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ދިއުމުން އެންމެ ގިނަ ބަޔަކު ކުރަމުން ދިޔަ ސުވާލަކީ ސަރުކާރުގެ ވެރިން ކޮބައިތޯއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮބައިތޯއެވެ. ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ހަރުކަށިކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ތިބީ ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއްގައެވެ. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައެވެ. އަދި ވެރިންގެ ފަރާތުން ކޮންމެ ވެސް ކަހަލަ ހިތްހަމަޖެހޭ ފަދަ ޚަބަރެއް ލިބޭނެ ކަމުގެ އިންތިޒާރުގައެވެ. މި ސުވާލުތަކަށް އަނއްގާރަ ދުވަހުގެ ރޭ ރައީސް އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ޖަވާބު ދެއްވާފައެވެ.

އަންގާރަ ދުވަހުގެ ރޭ މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ވަނީ ރައްޔިތުންނަށް ހެޔޮ ޚަބަރުތަކެއް ދެއްވާފައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވީ ވަރަށް ކެރިވަޑައިގެން ހުންނަވައެވެ. އަދި ސަރުކާރަށް ގޯސަތަކެއް ހެދިފައިވާކަން ވެސް ގަބޫލުކުރެއްވިއެވެ. ބައެއް ނޫސްވެރިން ސަރުކާރު ފެއިލްވެއްޖެ ކަމަށް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް ރައީސް ސޯލިހް ވަނީ ފެއިލްނުވާކަން ސާބިތުކޮށްދެއްފައި އަދަދުތަކުން ޖަވާބު ދެއްވާފައެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ހާލަތު އެންމެ ފުރަތަމަ ކުރިމަތިވެ ފުރަބަންދަކަށް ދާންޖެހޭ ވާހަކަ އިވުމުން ވެސް ގިނަ ބަޔަކު ބިރުގަތެވެ. އަދި އާންމު ދިރިއުޅުމުގެ ހާލަތަށް އަންނާނެ ބަދަލުތަކާއި އާމްދަނީ ހޯދޭނެ ގޮތްތައް ބަންދުވެ ބިލުތައް ދެއްކޭނެ ގޮތެއް ނެތުމާއި ކުލިތައް ދެއްކޭނެ ގޮތެއް ނެތި ބިކަވާނެ ކަމުގެ ބިރު ބޮޑުވިއެވެ. ބާޒާރުން މުދާ ހުސްވާނެތީ ގުދަންކުރުމަށް ވެސް ބައެއް މީހުުން އުޅުނެވެ. ނަމަވެސް އެފަހަރު ވެސް ރައީސް ވަނީ މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރައްވައި، ހާސްކަމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ބިލްތަކަށް ލުއިތައް ދިނުމާއި ވިޔަފާރިތަކަށް ލޯނު ދިނުމާއި ލޯނުތައް ދެއްކުން ފަސްކޮށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސް ދިނުން ފަދަ ކަންކަން އެ ދުވަހު ވެސް އިއުލާންކުރެއްވިއެވެ. ލޮލުން ކަރުނަ ފޭދުނު ހިނދު ވެސް ރައްޔިތުންނަށް ދެއްވީ ބާޒާރން މުދާ ހުސްނުވެ ލިބޭނެ ކަމުގެ ޔަގީން ކަމެވެ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް އުނި ނުވާނެ ކަމުގެ ޔަގީން ކަމެވެ. އަދި މި ބަލިން އަރައިގަނެވޭނެ ކަމުގެ ޔަގީން ކަމެވެ.

ކޮވިޑްގެ ތިން ވަނަ ރާޅެއް އައިސް އަނެއްކާ ވެސް "ފުރަބަންދެއް" ފަދައިން ފިޔަވަޅުތައް ހަރުކަށިކުރަންޖެހުމުން ވެސް ރައީސް ވަނީ ކުރިއަށް ވުރެ ވެސް ސާބިތުކަމާ އެކު ރައްޔިތުންނާ މުހާތަބްކުރައްވާފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން  އަންނަ މަހުން ފެށިގެން އާންމު ފަރުދުންގެ ކަރަންޓް ބިލުން 40 ޕަސެންޓް، އަދި ވިޔަފާރިތަކުން 20 ޕަސެންޓް ކުޑަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ގޭބިސީތަކުގެ ފެން ބިލުން 30 ޕަސެންޓް، ވިޔަފާރިތަކުން 20 ޕަސެންޓް ކުޑަކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމުގެ ޚަބަރު ދެއްވިއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ވިޔަފާރިތައް ދެމެހެއްޓުމަށް 375 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކޮށްދެއްވިއެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމުގެ މަސައްކަތުގައި ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ރައީސް ހާމަކޮށްދެއްވިއެވެ. ރައީސްގެ ވާހަކަފުޅުން ދޭހަވީ ވެރިން ގެއްލިގެން ރައްޔިތުން ކަންބޮޑުވި ނަމަވެސް ހަގީގަތުގައި ފަރުދާގެ ފުރަގަހުގައި ނުވަތަ އާންމުންނަށް ނުފެނުނު ކަމުގައި ރައީސް އާއި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމެވެ. އެ ގޮތުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވަސީލަތްތައް އިތުރުކުރުމަށާއި އެނދުތައް އިތުރުކުރުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން ރައީސް އެރޭ ހާމަކޮށްދެއްވިއެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި 200 އަށް ވުރެ ގިނަ އެނދު ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ވެކްސިން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަން ރައީސް ހާމަކޮށްދެއްވިއެވެ. އެގޮތުން ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ވެކްސިނަށް އޯޑަރު ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު އޯޑަރު ދީފައިވާ ވެކްސިން ރާއްޖެ ގެނައުން އަވަސްކުރުމަށް ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ނަމަވެސް މިހާލަތުގައި ދަތިތަކެއް އެބަހުރި ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. ކުރިން ލިބުނު ވެކްސިންތައް ދެ ޑޯޒް ހަމަކުރުމަށް ނުބަހައްޓައި ޖަހަމުން ގެންދިޔައީ މިފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ބަލައިގެން ނޫން ކަމަށާއި އޯޑަރު ދިން ވެކްސިން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޭރު އޮތުމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މާހިރުންގެ ލަފަޔަކީ ވެސް ވީހާ ވެސް ގިނަ ބަޔަކަށް އެއް ޑޯޒް ނަމަ ވެސް ޖެހުން ކަމަށާއި އެހެން ކަމުން މި ވަގުތު ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަށް، ބިދޭސީން ވެސް ހިމެނޭ ގޮތަށް ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.

ކޮވިޑްގެ ހާލަތު މިހާ ހިސާބަށް ދިޔައީ ސަރުކާރު ފެއިލްވެގެން ކަމަށް ކުރެވުނު ސުވާލަށް ރައީސް ވިދާޅުވީ އޭޕްރީލް މަހުގެ ތެރޭގައި ދޫތަކެއް ދެވުމުގެ ނަތީޖާ ގޯސް ކަމަށާއި ނަމަވެސް ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު އަދި އެމަނިކުފާނު ވެސް ފެއިލްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވީ އަދަދުތަކުން މިސާލު ދައްކަވަމުންނެވެ. އަދި ކިތަންމެ ވަރަކަށް އެނދުތައް އިތުރުކުރި ކަމުގައި ވިޔަސް ރާއްޖޭގައި އެ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތް ކަމަށާއި އެހެންކަމުން ސިއްހީ ހިދުމަތްތެރިން ހޯދުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް އާއި އަދި ހެލްތު މިނިސްޓަރު ނަސީމްގެ ވާހަކަފުޅުން ދޭހަވީ މިފަދަ ހާލަތެއްގައި ވެސް ސަރުކާރަކަށް ކޮށްދެވޭނެ އެންމެ ރަނގަޅަށް ކަންކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް މީހަކު ލަފާކޮށްގެން ވެސް ތިބި ހާލަތަކަށް ނުވާއިރު އަދި މުޅި ދުނިޔެ ވެސް ކުޑަކަކޫ މައްޗަށް ތިރިވާންޖެހިފައިވާ ދަނޑިވަޅަކަށްވުމުން ސަރުކާރަށް ވެސް އޮތީ ރައީސް ވިދާޅުވި ފަދައިން ކަންކަން ތަޖުރިބާކޮށް އޭގެ އަލީގައި ފިޔަވަޅުތައް އެޅުމެވެ. އަދި މިއީ ފަސާދަ ފަތުރައި ބައިބައިކުރުމުގެ ބަދަލުގައި އެންމެ އެކުގައި މަސައްކަތްކޮށް ހާލަތުން އަރައިގަންނަވީ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގައި ވަކި ކުލައެއް އަދި ވަކި ޕާޓީއެއް ބެލުމެއް ނެތި އެހީތެރިވުމަށާއި އިދިކޮޅު ލީޑަރުން ވެސް މި ކަމަށް އެހީތެރިވުމަށް ރައީސް ގޮވައިލެއްވީ އެކަމާ ބެހޭ ގޮތުން ގިނަ ބަޔަކު ފާޑުކިޔުންތައް ރައްދުވެފައި ވަނިކޮށެވެ.  

ސަރުކާރަށް އޮތީ އިގްތިސާދަށް ކުރިމަތިވާ ލޮޅުން ކުޑަކުރުމަށް މަސައްކަތްކުރުމެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ކޮވިޑް ކޮންޓްރޯލްކުރެވި ޖުލައި މަހުގެ ތެރޭގައި އިގްތިސާދު އަލުން ހިނގައިގަންނަން ފަށާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އިރު ރައީސް ސޯލިހް ވެސް ދެއްވި ޔަގީންކަމަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް 21 ޕަސެންޓްގެ ކުރި އެރުމެއް ލިބޭނެ ކެމެވެ. މިހާރު ވެސް ބައި މިލިއަނެއްހާ ޓުއަރިސްޓް ރާއްޖެ އަށް އައިސްފައިވާ އިރު އަހަރު ނިމޭ އިރު މިލިއަން ޓުއަރިސްޓުން ރާއްޖެ ގެނެވިއްޖެ ނަމަ މި ލަނޑުދަނޑި ސަރުކާރަށް ހާސިލްކުރެވޭނެއެވެ. މިދަނޑިވަޅުގައި ރައީސް ދެއްވި ޔަގީންކަމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަރުކާރާއި ރައީސް ސޯލިހް ވެސް ހުންނެވީ ރައްޔިތުންނާ އެކުގައިކަން ހާމަކޮށްދިން ކަމެކެވެ.