ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެ ގެންނަނީ

26 މެއި 2021 - 7:26

ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ވެކްސިނަށް އޯޑަރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެކްސިން ޖަހަން ފެށުމާއެކު ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށާއި ރަޝިއާގެ ސްޕުޓްނިކް ވެކްސިނަށް އޯޑަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރަމުން މިގެންދަނީ ރަޝިއާ އިން އުފައްދާފައިވާ ސްޕުޓްނިކްގެ ދެ ލައްކަ ޑޯޒް އޯޑަރުކުރުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ މަސައްކަތް ހެލްތު މިނިސްޓަރު ފައްޓަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ދެ ލައްކަ ޑޯޒް ގަތުމަށްޓަކައި އެގްރިމެންޓެއް ހެދިފައިވާ ކަމަށާއި އޭގެ އިތުރުން ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުންނާ އެކީގައި ހަތް ލައްކަ ޑޯޒް ގަތުމަށް އެގްރީމެންޓެއް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި އެ ހުރިހާ ދިމާއެއްގައި ވެސް ހުރި ދަތިތަކާ ހެދި އަދި އެއްވެސް ތަނަކުން އެއްވެސް ވެކްސިނެއް ލިބޭ ގޮތް އަދި ވެފައިނުވާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ގާތް އެކުވެރި ދެ ގައުމަކުން ވަރަށް ދީލަތި އެހީއެއް މިހާތަނަށް ވަނީ ވެދެއްވާފައި. އެއީ އިންޑިއާ އިން އެހީގެ ގޮތުގައި އަޅުގަނޑުމެންނަށް ފޮނުވައިދިން ކޮވިޝީލްޑްގެ ދެ ލައްކަ ޑޯޒްއާއި ޗައިނާއިން އަޅުގަނޑުމެންނަށް ފޯރުކޮށްދިން ސިނޯފާމްގެ ދެ ލައްކަ ޑޯޒް. އޭގެ އިތުރުން ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ވެސް އަޅުގަނޑުމެންނަށް މިވަނީ 12،000 ކޮވިޝީލްޑް ޑޯޒާއި ފައިޒާގެ 5،850 ޑޯޒް ދީފައި،" އެމަނިކުފާނު ވިދާޅުވިއެވެ.