ފަހުގެ ތާރީޚެއްގައި އިތުރުނުވާވަރަށް ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

1 ފެބުރުއަރީ 2021 - 7:16

ރާއްޖޭގެ ރަސްމީ ރިޒާވް 900 މިލިއަން ޑޮލަރަށްވުރެ އިތުރުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް މިހާބޮޑަށް އިތުރުވެގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމްއެމްއޭއިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓްގައިވާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ގްރޮސް އިންޓަރނޭޝަނަލް ރިޒާވް ނުވަތަ ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 984 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމުނުއިރު 984 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، މިއީ 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރި 753 މިލިއަން ޑޮލަރާއި އަޅާބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ ނޮވެމްބަރުމަހު ރަސްމީ ރިޒާވްގައި ހުރި އަދަދާއި އަޅާބަލާއިރު މިއީ 56 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ހީނަރުކަމުން މަޑުމަޑުން ރާއްޖެ ދަނީ އަރައިގަންނަމުންނެވެ. މިގޮތުން މިހިނގާ ކުއާޓަރުގައި ގިނަ ސިނާޢަތްތަކެއްގެ ވިޔަފާރި ރަނގަޅުވާނޭކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.