8 ރަށެއްގައި ސާފް ޝެކް އެޅުމަށް ކައުންސިލާ ހަވާލުކޮށްފި

24 މެއި 2021 - 9:37

އަށް ރަށެއްގައި ސާފް ޝެކް އެޅުމަށް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމެންޓުން ވިދާޅުވެއްޖެއެވެ.

ސާފް ޝެެކް އެޅުމަށް އެ މިނިސްޓްރީން ކައުންސިލްތަކާ ހަވާލުކޮށްފައި ވަނީ ނ.ޅޮހި، ރ.ރަސްމާދޫ، ކ.ތުލުސްދޫއާއި ކ.ހިންމަފުށި، ލ.އަތޮޅު މާބައިދޫ، ގދ.ގައްދޫ އާއި ވާދޫ އަދި ފުވައްމުލަކު ސީޓީގައެެެވެ.

މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވީ މި ރަށްތަކުގައި ސާފް ޝެކްތައް އެޅުމަށް ހަމަޖެެހިފައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މޫދު ކުޅިވަޅުތައް ކުޅެެވޭނެ އިންތިޒާމް ހަމެޖެއްސުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެެއިން ކަމަށެވެ.

މި އަށްރަށުގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެެސޯސިއޭޝަން ގުޅިގެން ތަމްްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ސާފް ޝެކްތަކުގައި ސާފިން އަދި ބޮޑި ބޯޑިން އަޅާ ކުދިން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. އަދި އެކުދިން ގެންގުޅޭ ސާފް ބޯޑްތަކާއި ބޫގީ ބޯޑްތައް ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައްވެސް ހުންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އަށް ރަށުގެ ތެރޭގައި ނުހިމެެނުނަށް މ.މުއްޔާއި ދ.ކުޑަހުވަދޫ އަދި ކ.ގުރައިދޫގައި ސާފް ޝެެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.