ހުޅުމާލް ސްމާރޓް ސިޓީއަކަށް ހެދުމަށް ސްމާރޓް އިންފްރާސްޓްރަކްޗަރ އެއް ގާއިމު ކުރުމުގައި އެޗްޑީސީ

20 މެއި 2021 - 8:06

ދިވެހިރާއްޖޭގައި އެއްމެ ފުރިހަމައަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރެވެމުން އަންނަ އެއް ސިޓީ ކަމަށްވާ ހުޅުމާލެ ސިޓީ އަކީ ދިރިއުޅެން ފަސޭހަ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެޗްޑީސީގެ ފަރާތުން އިސްނަގައިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މީގެ އެއް މަޝްރޫޢަކީ ސިޓީގެ މުއާސަލާތީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ، މުއާސަލާތީ ޓަވަރު ތަކަކާއި ފުރާޅުމަތީގައި ރޫފްޓޮޕް ޕޯލް ތަކެއް ޖެހުމެވެ. މިމަޝްރޫއުގެ ދަށުން މިހާތަނަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއު ފްލެޓްތަކުގެ ސަރަހައްދުގައި 4 މުއާސަލާތީ ޓަވަރެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދެއެވެ މިވަސީލަތްތަކަކީ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްގެން އުފައްދާފައިވާ ޓަވަރުތަކެއްކަމަށް ފާހަގަކުރަމެވެ.

މިމަޝްރޫއުގެ ދަށުން މިހާތަނަށް، އެސަރަހައްދުގައި މޮބައިލް ކަވަރޭޖް ފުޅާކުރުމުގެ ގޮތުން ތިމާވެއްޓާއި ރަހުމަތްތެރިގޮތަކަށް ފަރުމާކޮށްފައިވާ މޮނޮޕޯލް ޓަވަރެއް ވަނީ ޤާއިމްކުރެވިފައެވެ. އަދި މީގެ އިތުރުން، މިހިނގާ މެއި މަހުގެ ތެރޭގައި ހަތަރުފައިލީ އެންގިއުލަރ ޓަވަރުތަކެއްވެސް ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުރި ތިން ސަރަހައްދެއްގައި ހަރުކޮށް ނިމޭނެ ކަމަށް ލަފާކުރެވޭކަމަށް އެ ކޯޕަރޭޝަނުން އަންގައެވެ.

މިއީ މުސްތަޤްބަލުގައި ހުޅުމާލެ ޒަމާނީ ސްމާޓް ސިޓީ އަކަށް ވާސިލުވުމަށްޓަކައި ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗަރ ފުރިހަމަ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.

ުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ސިޓީތައް ތަރައްގީވަމުން އަންނައިރުގައި، އާބަނައިޒޭޝަންއާ އެކު ލިބޭ ފައިދާތަކުގެ އިތުރުން، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ އާއްމު ދިރިއުޅުމަށް ދިމާވާ އެކި ގޮންޖެހުންތައް އެއީ އާވާހަކަ ތަކަކަށް ނުވާނެއެވެ. ބޮޑެތި އާބާދީތައް އެއްތަނެއްގަ ދިރިއުޅެން ދިމާވުމުން، ގެދޮރުގެ ދަތިކަން، ދަތުރުފަތުރުގެ ހުރަސްތައް، އަސާސީ ޙިދުމަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމުގެ ދަތިކަން، ސިއްހީ، ތަޢުލީމީ ހިދުމަތްތައް ދިނުމުގެ ދަތިކަން، ވަޒީފާގެ ދަތިކަން ފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް، ދުނިއޭގެ ތަފާސް ހިސާބުތަކުން ދައްކާއިރު، 2050 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީގެ 70 އިންސައްތަ މީހުން ދިރިއުޅޭނީ އާބަން ސަރަހައްދު ތަކުގައެވެ. ވުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި އާބާދީތައް އެއްފަސް ކުރުމުގެ މަސައްކަތް ކުރުމަކީ ކޮންމެހެން މުހިއްމުކަމަކަށް ވަނީ ވެފައެވެ.

ެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ތަރައްގީ ކުރުމަށާއި އާބަން ސަރަހައްދު ތަކަކީ ދިރިއުޅެން ފަސޭހަ ތަންތަނަށް ހެދުމަށް ސްމާޓް ސިޓީ ކޮންސްޕްޓް (ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިޓީއެއްގައި ލިބިދޭންޖެހޭ ހިދުމަތްތައް ދިނުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން)، އެއީ މިހާރު ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ތަރައްގީ ވަމުން އަންނަ އެތައް ގައުމެއްގައި ބޭނުން ކުރަން ފަށާފައިވާ ކޮންސެޕްޓް އެކެވެ. މިގޮތުން، އިންޓަރނެޓް އަދި ސްމާޓްފޯން ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދަނީ ސްމާޓް ސިޓީގެ މަޝްރޫއުތައް ތަންފީޒުކުރަމުންނެވެ. މިގޮތަށް ދުނިޔޭގެ އެކި ޤައުމުތަކަށް ބަލާއިރު އެމެރިކާ، އިނގިރޭސިވިލާތު، ޑެންމާރކް، ނެދަލޭންޑްސް، ޖަޕާން، ހޮންގް ކޮންގް، އަދި އަވައްޓެރި އިންޑިއާގައި ސްމާޓް ސިޓީތައް ވަނީ ކުރިއަރައިގެން ގޮސްފައެވެ. ސްމާޓް ސިޓީއެއްގައި އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން، އާއްމު ޙިދުމަތްތަކުގެ ފެންވަރުރަނގަޅު ކުރެވި، ތިމާވެށީގެ މައްސަލަތައް ކުޑަކުރެވުން، އަސާސީ ޚިދުމަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދެވުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވުން، ތައުލީމާއި، ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރެވުން، ދަތުރުފަތުރުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރެވުން، ވިޔަފާރިއާއި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ،އިގްތިސޯދު ތަރައްގީވެ ކުރިއެރުން، އަދި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުގެ ހާލަތު ރަނގަޅުވެގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ.

ސްމާޓް ސިޓީގައި ޓެކްނޮލޮޖީގެ ޒަރީއާއިން ތަރައްގީގެ އެކިދާއިރާތަކަށް ހެޔޮބަދަލު ގެނައުން ހިމެނިގެން ވާއިރު، ކާމިޔާބު ކަމާއެކީ ސްމާޓް ސިޓީއެއް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. ޓެކްނޮލޮޖީގެ މައްޗަށް ބިނާވެގެންވާ އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަކީ މީގެ އެއްމެ އަސާސީ އެއް މަސައްކަތެވެ.