ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
18 މެއި 2021 - 13:33
މިހިނގަން ފެށި ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިއްޔެގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށި ދުވަސްކަމަށް ވާތީ އާއި އިއްޔެއަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސްކަމަށް ވާތީ މިދުވަސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެދުވަހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އިއްޔެ ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެކަމަށާއި އެގޭ ނަތީޖާއެއްގެ ގޮތުން ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވަނީ ވިދާޅުވެފައެވެ.
މިމޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީއަލަށް ދައުރު މިފެށުނު ކައުންސިލްތަކުން ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ ލާބަޔާއި މަޞްލަޙަތަށް އިސްކަން ދެއްވައިގެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް، ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރައްވައި، އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްޤީ ކުރެއްވުމަށް، ހުރިހާ ކައުންސިލަރުންވެސް، ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތަކަށް ރައްޔިތުން ހަވާލުކުރި އަމާނާތައް ފުރިހަމައަށް ރައްކާތެރިވުމަށާއި، އެކައުންސިލަރެއް ތަމްސީލުކުރައްވާ ރަށާއި އަތޮޅަށް ނުވަތަ ސިޓީއަށް ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާ ނަތީޖާ ހޯދައިދިނުމަށް ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ހުރިހާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.